މާތް الله އިންސާނާ އެހެން މަޚުލޫޤާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ބުއްދި ހިމާޔަތްކުރުން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ބުއްދި ރައްކާތެރިކުރުމަކީ، އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށް ޓަކައި ބާވައިލެއްވުނު މައިގަނޑު މަޤުޞަދުތަކުގެ ތެރެއިން އެއް މަޤުޞަދު ކަމަށެވެ.
ޚުޠުބާގައި ބުނީ ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކައުތެރި ކުރުން ކަމަށެވެ.
އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ ޢަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީ ކުރާކަމެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
”މުސްލިމް އަޚުންނޭވެ! މާތް الله އިންސާނާ އެހެން މަޚުލޫޤާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނެވެ. އޭނާގެ އުފެއްދެވުމާއި ޞޫރަކުރެއްވުން އެހެން މަޚުލޫޤުންނަށްވުރެ ފުރިހަމަވުމުންނެވެ.“ ޚުޠުބާގައި ބުނެފައި ވެއެވެ.
ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވާކަމަށް ޚުޠުބާގައި ބުނީ ނިދައިފައި އޮތް މީހާ ހޭލުމާއި، ކުޑަކުއްޖާ ބާލިޣުވުމާއި، ބުއްދި ފިލައިގޮސްފައިވާ މީހާ ބުއްދި ހަމަޖެހުމަށް ދާންދެން އެ ތިން މީހުންގެ މަތީން ގަލަން އުފުލިގެންވާ ކަމަށެވެ.
މާތް الله އިންސާނާއަށް ދެއްވި ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރައިފައިވާކަން ފާހަގަކުރައްވާ ޚުޠުބާގައި ބުނީ އިސްލާމީ ޝަރީޢަތުގައި اللهއާއި އެކަލާނގެ ރަސޫލާ އަންގަވަނީ ޢިލްމު އުނގެނެންމަށެވެ.
”ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެކެވެ.“ ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ޚުޠުބާގައި ވަނީ މި ކުޑަކުޑަ މުސްލިމު މުޖުތަމަޢުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ ޢަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެއްކަމަށް ބުނެފައެވެ.
“ މި ވަގުތީ ޙަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މި ފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތް الله އެބައިމީހުންގެ ޢަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ޣާފިލުވަނީ ހެއްޔެވެ؟ ޣާފިލުކަންމަތީގައި ވަނިކޮށް، ކުއްލިއަކަށް މަރު އައިސް ތިބާއާ ބައްދަލުކޮށްފާނެކަމާ މެދު ބިރުވެތި ނުވަނީ ހެއްޔެވެ؟“ ޚުޠުބާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މިއަދުގެ ޚުޠުބާގައި ވަނީ އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމީ އެ ކަމަށް ދެވިހިފައި މާތް الله ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައި ފިކުރު ކުރުމަށް ހުރަސްއެޅި ޝައިތާނާގެ ދަންތުރައިގައި ޖެހިދާނެ ކަންކަން ހަނދާންކޮށްދީފައެވެ.



