އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
މޯދީ ރާއްޖެ ވަޑައިގެންފައި ވަނީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ސީދާ އެ ގައުމުންނެވެ.
މިއަދު ހެނދުނު 9:15 އެހާކަންހާއިރު މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.
ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހިމެނޭހެން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ބޮޑުވަޒީރު މޯދީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުޅިވަރުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މޯދީގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒާ ބައްދަލުކުރައްވައި، މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. ހަމައެހެންމެ އިންޑިއާއާއި ރާއްޖެއާ ގުޅިގެން ކުރިއަށް ގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙް ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.




