ސްވިޓްޒަލޭންޑަށް ނިސްބަތްވާ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީގެ އެހީގައި ކ. ގުޅީ ހެލްތު ސެންޓަރުގައި ބިނާކުރާ މެޑިކަލް ލެބޯޓަރީގެ ބިންގާ އަޅައިފިއެވެ.
އެ ލެބޯޓަރީގެ ބިންގާ އަޅުއްވައިދެއްވީ ބަރަކާ ޗެރިޓީގެ ކޯ ސީއީއޯ މުހައްމަދު އަޖަމީ އާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަހްމަދު ޒަކީއެވެ.
މި މެޑިކަލް ލެބޯޓަރީގައި ފާހާނާއަކާއި ތަކެތި ރައްކާކުރާ ގުދަނެއް ހިމެނޭ ކަމަށާއި އެ ތަނުގެ މަސައްކަތަށް ހުރިހާ ޚަރަދެއް ކުރާނީ ސްވިސް ބަރަކާ ޖަމިއްޔާގެ ފަރާތުން ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން މި ލެބޯޓަރީއަށް ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ހަމަޖައްސައިދޭނީ ހެލްތު މިނިސްޓްރީން ކަމަށް ވެސް އެ ޖަމިއްޔާއިން ހާމަކޮށްފައި ވެއެވެ.
އެ ލެބޯޓަރީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ބައެއް އިސް ވެރިންނާއި ގުޅީ ކައުންސިލްގެ ވެރިންގެ އިތުރުން ގުޅީ ހެލްތު ސެންޓަރުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.



