އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ވިލުފުށީގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ކުރި ޕޯސްޓެއްގައި ބުނީ އައިޑީ ކާޑުގެ ޚިދުމަތް ތ. ވިލުފުށީގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ބުނެފައިވެއެވެ.
މިއީ ތ. އަތޮޅުގައި އެ ޚިދުމަތްފެށި ދެވަނަ ރަށެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ދިވެހީން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޑީއެންއާރުން ވަނީ ބުނެފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައި ވަނީ ގއ. ވިލިނގިލީގައެވެ.



