އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ، ގުޅިފައިވާ ބަޔާނެއް ދެއްވައިފިއެވެ.
މި ބަޔާން ދެއްވާފައިވަނީ، އިއްޔެ މެންދުރުފަހު، ރައީސް އޮފީހުގައެވެ.
އެގޮތުން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދެ ޤައުމު ދެމެދު އިއްޔެ ބަދަލުކުރި އެއްބަސްވުންތަކާއި ފަހުމުނާމާތައް އަދި އިފްތިތާޙުކުރި މަޝްރޫޢުތަކުގެ މުހިންމުކަމާއި، ކުރިއަށްގެންދެވި މަޝްވަރާތަކުން ހާސިލުކުރެއްވުނު ކަންކަމަށް އިޝާރާތްކުރައްވައި، ތަރައްޤީގެ ދަތުރުގައި ދެ ޤައުމުން ހިއްސާކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.
އިއްޔެގެ މަޝްވަރާތަކުން، ކުރިއަށް އޮތް ދުވަސްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދެވޭނޭ ސާފު މަގެއް ކޮށިފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އަސާސީ މުދާ އެކްސްޕޯޓުކޮށްދީގެން އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަކީ، ދެ ޤައުމުގެ ޒަމާންވީ ވިޔަފާރީގެ އެއްބަސްވުންތަކުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތަކުގެ މައިގަނޑު އެއް ބަހާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ ދެ ޤައުމުގެ ގުޅުން ހަރުދަނާކޮށްދިން، ތަރައްޤީގެ ގިނަގުނަ މަޝްރޫޢުތަކާއި، އިޤްތިޞާދީ ބައިވެރިވުންތަކަށްވެސް އިޝާރާތްކުރައްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައިވެސް ދިވެހިރާއްޖެ އާއި އިންޑިއާގެ ބަދަހި ގުޅުމުގެ ޝިޢާރު ތަކުރާރުކުރައްވާފައިވެއެވެ.
އެގޮތުން އަސާސީ މުދާ ފޯރޮކޮށްދިނުން ކަމުގައިވިޔަސް، އަދި އިޤްތިޞާދީ ހަމަޖެހުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައިވިޔަސް، އިންޑިއާއިން އަބަދުވެސް ހަރަކާތްތެރިވެފައިވާނީ ދިވެހިރާއްޖެ އާ ގާތުން، ފުރަތަމަ އެހީތެރިޔާގެ ގޮތުގައި ކަމަށް މޯދީ ވިދާޅުވިއެވެ. އަދި އިންޑިއާއިން އިސްކުރަނީ ރަޙްމަތްތެރިކަން ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ، މޯދީގެ މި ޒިޔާރަތަކީ ކުރިއެރުމާއި ބައިވެރިވުމަށް ދެ ޤައުމުން އެކުގައި ކުރާ ދަތުރަށް އިތުރުވި ބޮޅެއްގެ ގޮތުގައި ސިފަކުރައްވައި، ވެވުނު އެއްބަސްވުންތަކާއި އިފްތިތާޙުކުރި މަޝްރޫޢުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަފާތު ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާ ކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ.




