ޣައްޒާއަށް ލައްގާތޯ ދުޢާކޮށް، މިސްރުގެ ޒުވާނުން ޕްލާސްޓިކް ފުޅީގައި ކާނާ ބަންދުކޮށް މެޑިޓެރޭނިއަން ކަނޑަށް ދޫކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި މި މަންޒަރުތައް މިހާރު ވައިރަލްވަމުން އަންނައިރު، އެކަމަށް ގިނަ ބައެއްގެ ސަމާލުކަމާއި ތަރުހީބުވެސް ލިބެމުން ދެއެވެ.
ބަނޑުހައި ހޫނުކަމުގެ ނިކަމެތި ހާލަތު ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނާ ހަމައަށް ކާނާ ލައްގާތޯ މިފަދައިން ކަނޑަށް ފުޅިއަކަށް އަޅައިގެން ކާނާ ދޫކުރުމުގެ ހިޔާލު ދިނީ ޖަޕާނުގައި މަސައްކަތް ކުރާ މިސްރުގެ އެކެޑެމިކް އިންޖިނިއަރެކެވެ.
އެގޮތުން ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރަނގަޅަށް ބަންދުކޮށްފައިވާ 25 ލީޓަރުގެ ޕްލާސްޓިކް ފުޅިއެއްގައި 6-8 ކިލޯގެ ކާނާ ރައްކާތެރިކޮށް ފަލަސްތީނަށް އެެތެރެ ކުރުމުގެ ފުުރުސަތު އޮތް ކަމަށެވެ. ނަމަވެސް އެ ފުޅީގައި 8 ލީޓަރުގެ ވައި ހުންނަންވާނެ ކަމުގައި ވެސް އޭނާ ބުނެފައިވެއެވެ.
މީގެއިތުރުން އޭނާ ބުނެފައިވަނީ، ކާނާ އަޅާފައިވާ އެ ފުޅިތައް ދޫކުރަންޖެހެނީ އައްސޭރިފަށާ 4 ކިލޯމީޓަރުން އަނެއް ފަރާތަށް ދާ އޮއިގައި ނުޖެހޭ ގޮތަށް 60 ޑިގްރީ އޭންގަލަކަށް އިިރު އުތުރުން ކަމަށެވެ. މެޑިޓެރޭނިއަންގެ އޮއި ދަތުރުކުރަނީ ހުޅަނގުން އިރުމައްޗަށް ކަމަށްވާ އިރު، ގަޑިއިރަކު 0.8 ކިލޯމީޓަރު ސްޕީޑެއްގައި މި ފުޅިތައް ދާ ނަމަ ޣައްޒާގެ ގޮނޑުދޮށްތަކަށް ކާނާ 72-86 ގަޑި އިރު ތެރޭ ފޯރާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ބުންޏެވެ.




