އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރައްޔިތުންގެ މަޖިލިސް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މަޖިލިސް ރައީސްއާ ބައްދަލު ކުރެއްވުމަށްފަހު މޯދީ ވަނީ އޭނާގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ދިވެހިން އަނެއްކާވެސް ޕޯސްޓެއް ކުރައްވާފައެވެ.
އެގޮތުން މޯދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله އާއި ބައްދަލުކޮށްފި ކަމަށާއި އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފުން އެކުވެރިކަމުގެ ގުޅުމުގެ ވާހަކަ އެ ބައްދަލުކުރެއްވުމުގައި ދެކެވުނު ކަމަށެވެ.
”އޭގެތެރޭގައި ދެޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެދުގައި އޮތް ގާތް ގުޅުން ހިމެނޭ. 20ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދިފައިވާކަމީ ދެޤައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް.“ މޯދީ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މޯދީ ވިދާޅުވީ ރާއްޖޭގައި ކެޕޭސިޓީ ބިލްޑިންގއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ރޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އަދި މިއަދުގެ ނިޔަލަށް އޭނާ ރާއްޖޭގައި ހުންނަވާނެއެވެ.
މޯދީގެ މި ދަތުރުފުޅުގައި އޭނާއާއި ރައީސް މުޢިއްޒު ވަނީ ދޮށިމޭނާ ބިލްޑިންގް ހުޅުވައި ދެއްވާފައެވެ. މީގެއިތުރުން އިންޑިއާއިން ހަދިޔާކުރި 2 ޕޯޓަބަލް ހޮސްޕިޓަލާއި ދިވެހި ސިފައިންނަށް ހަދިޔާކުރި 72 ވަހިކަލްއާ ރައީސް މުޢިއްޒު ވަނީ ހަވާލުވެވަޑައިގެންފައެވެ.
މީގެއިތުރުން މޯދީގެ މި ދަތުރުފުޅުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އިންޑިއަން ރުޕީސް އެކައުންޓެއް ހުޅުވޭ ގޮތް ވެސް ވަނީ ހަދާފައެވެ.
އިންޑިއާއިން ވަނީ ރާއްޖެއަށް 565 މިލިއަން ޑޮލަރުގެ އެހީއެއް ވެސް މޯދީގެ މި ދަތުރުފުޅުގައި ދެއްވާފައެވެ.



