އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިން މިއަދު ބައްދަލުކުރައްވައިިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. އަދި މިއަދުގެ ނިޔަލަށް އޭނާ ރާއްޖޭގައި ހުންނާނެއެވެ.
ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މޯދީ ބައްދަލު ކުރެއްވިއިރު، އިދިކޮޅު އެމްޑީޕީން ވަނީ އެންމެ ފުރަތަމަ އިންޑިއާގެ ބޮޑުވަޒީރާއި މިއަދު ބައްދަލު ކޮށްފައެވެ. އެ ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވަނީ ސިޔާސީ ދާއިރާގެ އެކި ލީޑަރުންގެ ބައިވެރިވުމަކީ އިންޑިއާއާއި ރާއްޖޭގެ ވަރުގަދަ އަދި ތާރީޚީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއްކަމަށެވެ. އަދި ދެޤައުމުން ޙިއްސާކުރާ އަސާސްތަކުން މި މުހިންމު ގުޅުމަށް އެހީތެރިވެދޭކަންވެސް މޯދީ ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ބޮޑުވަޒީރާއި މިއަދު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ބައްދަލު ކުރައްވާފައެވެ.



