ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ރާއްޖެއަށް އިއްޔެ ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިންޑިއާއަށް އެނބުރި ވަޑައިގެންފިއެވެ.
ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިކަން ހާމަކުރައްވައި، މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރާއި ރައީސް މުޢިއްޒާއި ދިވެހި ރައްޔިތުން ދެއްވި މެހެމާންދާރީއަށް ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން ރާއްޖޭގެ 60ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއް ކަމަށާއި ރައީސް މުއިއްޒާއެކު ކުރެވުނު މަޝްވަރާތަކާ އެއްކޮށް ދެ ގައުމުގެ ގުޅުން އިތުރުވާނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
މޯދީގެ މި ދަތުރުފުޅުގައި ވަނީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ. އެގޮތުން، އިއްޔެ ރައީސް މުއިއްޒާއެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތައް ފޯރުކޮށްދެއްވިއެވެ.
އޭގެތެރޭގައި، އިންޑިއާއިން ރާއްޖެއަށް ދައްކަން ޖެހޭ ދަރަންޏަށް ލުއި ގޮތެއް ހަމަޖައްސައިދިނުމާއި އަސްކަރީ ދާއިރާއަށް ބޭނުންވާ ބަރު އުޅަނދު ހަދިޔާ ކުރެއްވުން ހިމެނެއެވެ. އަދި ރާއްޖެއަށް 565 މިލިއަން ޑޮލަރު ހަދިޔާ ކުރެއްވުމާއި ދެ ޕޯޓަބަލް ހޮސްޕިޓަލު ހަދިޔާ ކުރެއްވުން ވެސް މޯދީގެ މި ދަތުރުފުޅުގައި ހިމެނެއެވެ.



