ޖަޕާނުގެ ބޮޑުވަޒީރުގެ ޙާއްސަ މަންދޫބު، އަދި ޕާލަމަންޓަރީ ވައިސް މިނިސްޓަރ، މިސް އިކުއިނޯ އަކިކޯ، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޚަލީލް ވަނީ ޚާއްސަ މަންދޫބާއި އެކަމަނާގެ ވަފުދަށް މަރުޙަބާ ދަންނަވައި، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
މިގޮތުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ތަރައްޤީއަށްޓަކައި، ޙާއްސަކޮށް ޢުމްރާނީ ތަރައްޤީއާއި އިންސާނީ ވަޞީލަތްބިނާކުރުމާއި، މަސްވެރިކަމާއި މުވާޞަލާތީ ދާއިރާގެ ތަރައްޤީއަށްޓަކައި ޖަޕާނުން ފޯރުކޮށްދެއްވާފައިވާ އެހީ ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ ކޮންމެ އެހީއަކީ، އެކަމުގެ ފައިދާ ރައްޔިތުންނާ ހަމައަށް ސީދާގޮތެއްގައި ލިބިގެންދާ އެހީކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ބިނާކޮށްފައިވާ މާލޭގެ ތޮށި، މަރާމާތުކުރުމަށްޓަކައި ވެދެއްވި އެހީ ފާހަގަކުރައްވައި، ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މާލެ ވަށައިގެން ލެވިފައިވާ ތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއްކަން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދެ ގައުމުން ކުރިޔަށްއޮތް ތަނުގައިވެސް ސަރަޙައްދީ ގޮތުންނާއި ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަން އައު ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލްގެ އަރިހުގައި އެ މިނިސްޓްރީގެ އެމްބެސެޑަރ-އެޓް-ލާރޖް ޢަބްދުﷲ ޙަމީދު، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް، ޑިރެކްޓަރ މަރްޔަމް ބައްސާމާ ފާރޫޤް އަދި އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާއު ބައިވެރިވެ ވަޑައިގެންނެވިއެވެ.




