ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
މިކަމަަށްޓަކައި ވީއައިއޭގައި މިރޭ އޮތް ޚާއްސަ ރަސްމިއްޔާތުގައި، އާ ޓާމިނަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތުޒާމު ކޮށްގެން ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގައި ކުރީގެ ރައީސުން ކަމަށް މުޙައްމަދު ނަޝީދު އާއި ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހު ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެމަނިކުފާނު ބޭނުންފުޅުވީ ހަމަގަސްތުގައި ވަރަށް ޚާއްސަ ސަބަބަކަށްޓަކައި ކަމަށެވެ.
”އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދަމަހައްޓަން، އިޤްތިޞާދީ މިނިވަންކަމަކީ ވަރަށް ޚާއްސަ ކަމަކަށްވާތީ. އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ މި އެއާޕޯޓު ކަމުގައިވާތީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާއްސަ ޑްރޯން ޝޯއަކާއި ހަވާ އެރުވުންވެސް މިރޭ ކުރިއަށް ގެންގޮސްފައިވެއެވެ.



