ރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ސާއިފް އަލް ސުވައިދީ އާއި ވަފުދަށް މަރުޙަބާ ވިދާޅުވެ، ރާއްޖޭގެ މިނިވަންދުވަހުގެ އިޙުތިފާލުތަކުގައްޔާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވީތީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި، ރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކާއި އެއްބާރުލުން އިތުރު ކުރެވޭނެ ދާއިރާތަކާއި މަޝްރޫޢުތަކާއިމެދު ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން އެ ބައްދަލުވުން ނިންމަވާލައްވާފައި ވަނީ ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދިވެހިރާއްޖެ އާއި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުއްމީދު އާކުރައްވަމުންނެވެ.



