ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގެ 88 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށް ހިންގަމުން އަންނަ ހަނގުރާމައިގެ ޖަރީމާތަކުގައި ފަލަސްތީނުގެ 59،821 މީހުން މަރުވެފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.
އެ މިނިސްޓްރީގެ ބަޔާނެއްގައި ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 88 މީހުންގެ ފުރާނަނެތް ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނެސްފައިވާ ކަމަށެވެ.
އަދި 374 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މިއާއެކު އިސްރާއީލުގެ ހަމަލާގައި ޒަޚަމްވި މީހުންގެ އަދަދު 144،851 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
”މީހުން ސަަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހުންނަށް އެ މީހުނާއި ހަމައަށް ނުދެވުމުގެ ސަބަބުން ގައު ކުނޑިތަކުގެ ދަށުގައި އަދި މަގުތަކުގައި ތާށިވެފައި އެތައް ބަޔަކު އެބަ ތިބި“ އެ މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންސާނީ އެހީ ހޯދަން އުޅުމުގެ ތެރޭގައި ފަލަސްތީނުގެ 11 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި 36 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަން ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވާއިރު، މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އެހީ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށް މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު 1،132 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.



