ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޚިދުމަތް ބ. އަތޮޅުގައި މިއަދު ފަށައިފިއެވެ.
ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ޖުލައި މަހުގެ ތެރޭގައި ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިއީ މިޚިދުމަތް ފެށި 11ވަނަ އަތޮޅެވެ.
އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ފަށާފައިވާއިރު މި ޚިދުމަތް ފެށުމުގެ ކުރިން، ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ނަގައި ތަމްރީން ދިނުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.
އެއަތޮޅުގައި ޚިދުމަތް ފަށާފައިވާއިރު އެމްޓީސީސީން އެ ދަތުރުތައް ބާއްވާނީ 2 ރޫޓަކަށެވެ.
އެމްޓީސީސީން ބުނިގޮތުގައި އާރްޓީއެލް ފެރީގެ ޚިދުމަތުގައި ބޭނުންކުރާނީ ހައި ސްޕީޑް 2 ފެރީއެވެ.
މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާގޮތަށެވެ.
އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށްގެންދާނީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައެވެ. މި ދަތުރުތަކަށް އެއްވެސް ފީއެއް ނުނަގާނެއެވެ.
އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށްދާނީ، ކޮންމެ ރޫޓެއްގައި ހިމެނޭ ހުރިހާ ރަށަކަށް ވަކި އަދަދަކަށް ޖާގަ ކަނޑައަޅައިގެންނެވެ. ދަތުރުތަކަށް ފީ ނަގަން ފަށާނީ 4 އޮގަސްޓުން ފެށިގެންނެވެ. ރޫޓުތަކާއި، ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލް އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ބ.އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮވެއެވެ. އެ އަތޮޅުގެ އާބާދީ 12000އިން މައްޗަށް އަރައެވެ.



