ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަނިޔާވިމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ނަލަހިޔާ / މޫސާ އިބްރާހިމް (29އ.) އެވެ.
މޫސާ އިބްރާހިމް އަށް ހަމަލާދީފައިވަނީ އެ ރަށުން ބޭރުން އައިސްގެން އުޅުނު އެހެން މީހެއްކަމަށް މާވަށު ކައުންސިލު ރައީސް އަހްމަދު މޫސާ، ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެއީ ކާކުކަމެއް އަދި އެނގިފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.



