ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އަގުވަޒަންކޮށް ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ އެރުވި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އުމުރުން 74 އަހަރުގައި ސޯބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ އާލާސްކަންފުޅުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.
ސިއްހީ ހާލަތު ތަން ނުދެއްވާތީ، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސޯބިރަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.
ރައީސް އޮފީހުން ވިދާޅުވީ ސޯބިރު އަވަހާރަވުމާ ގުޅިގެން މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރައްވަން ރައީސް ހަމަޖައްސަވާފައިވާ ކަމަށާއި، ސޯބިރުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ ރަސްމީ އިއްޒަތުގައި ކަމަށެވެ.
ސޯބިރުގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ. މަރުހޫމްގެ މޫނު ދެއްކުން މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް އުފެއްދި ”ނޭޝަނަލް ޕްލޭނިން އޭޖެންސީ“ގެ ސްޓެޓިސްޓިކަލް ސާވޭ އޮފިސަރުގެ މަގާމަށް 1978 ވަނަ އަހަރު އޭނާ ހަމަޖެއްސެވި އެވެ. އެ ދާއިރާއިން އިތުރު ތައުލީމާއި ތަޖުރިބާ ހޯއްދެވުމަށް 1979 ވަނަ އަހަރު އޭނާ އެމެރިކާއަށް ވަޑައިގަތެވެ. އެ ފަހަރު ރާއްޖެ ވަޑައިގަތުމަށް ފަހު، ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުމެވެ. ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރެއް ވެސް ގެނައީ އެ މަސައްކަތަށެވެ.
ނޭޝަނަލް ޕްލޭނިން އޭޖެންސީ 1982 ވަނަ އަހަރު އުވާލައި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީ އުފެއްދުމުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ވެސް ސޯބިރު އަދާކުރެއްވި އެވެ. އަދި އޭގެ ފަހުން އެ މިނިސްޓްރީގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވި އެވެ. އަދި މައުމޫންގެ ވެރިކަމުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުކަމާއި 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.



