ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި އޭގެ ތެރެއިން ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ދެމިގެން ދާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ބުރާސްފަތި ދުވަހުން ފެށިގެން ކުޑަވާނެ ކަމަށެވެ.
މިދުވަސްކޮޅަކީ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ބަންދު ދުވަސްކޮޅަކަށްވުމުގެ އިތުރުން، ފުރަތަމަ ޓާމްގެ ކިޔެވުންވެސް ނިމި، ސްކޫލް ބަންދު ދުވަސްތަށް ވެސް މެއެވެ. އެހެންކަމުން މިދުވަސްކޮޅު ވަރަށް ގިނަ ފަރާތްތަކުން ދަނީ އެކި ރަށްރަށަށް ދަތުރު ކުރަމުންނެވެ.
މެޓް އޮފީހުން ބުނެފައިވަނީ، އަންގާރަ ދުވަހާއި ބުދަ ދުވަހުގެ ފަހުން އުތުރުގެ އަތޮޅުތަކަށް ވައި މަޑުވާއިރު، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި މަޑުވާނީ ހުކުރު ދުވަހު ކަމަށް ލަފާ ކުރެވޭ ކަމަށެވެ.




