ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު އަވަހާރަވުމާ ގުޅިގެން ގިނަ ސިޔާސީ އިސްވެރިންވެސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އާލާސްކަންފުޅާ އުޅުއްވުމަށްފަހު ސޯބިރު އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މޫނުދެއްކުން މިހާރު ކުރިއަށްދާއިރު ކަށުނަމާދުވެސް އޮތީ ރަސްމީ ޢިއްޒަތުގައި މިއަދުގެ އަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ސޯބިރު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސުންގެ އިތުރުން ގިނަ ސިޔާސީ އިސްވެރިންވަނީ މީސް މީޑިއާ މެދުވެރިކޮށް އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
އޭގެ ތެރޭގައި ނައިބު ރައީސް ހުސެއިން މުޙައްމަދު ލަރީފާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން މިހާރުގެ ޓްރާންޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އަދި ފޮރިން މިނިސްޓަރ ޢަބްދުﷲ ޚަލީލް ވެސް ހިމެނިވަޑައިގަންނަވައެވެ.
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމުގެ އަގުވަޒަންކޮށް ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ހަސަން ސޯބިރަށް ލިބިވަޑައިގެންނެވީ އިއްޔެއެވެ.
ސިއްހީ ހާލަތު ތަން ނުދެއްވާތީ، އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ސޯބިރަށް ވަޑައިނުގެންނެވުމުން އާއިލާގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އޭނާގެ ދަރިކަނބަލުންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމަށް އުފެއްދި ”ނޭޝަނަލް ޕްލޭނިން އޭޖެންސީ“ގެ ސްޓެޓިސްޓިކަލް ސާވޭ އޮފިސަރުގެ މަގާމަށް 1978 ވަނަ އަހަރު އޭނާ ހަމަޖެއްސެވި އެވެ. އެ ދާއިރާއިން އިތުރު ތައުލީމާއި ތަޖުރިބާ ހޯއްދެވުމަށް 1979 ވަނަ އަހަރު އޭނާ އެމެރިކާއަށް ވަޑައިގަތެވެ. އެ ފަހަރު ރާއްޖެ ވަޑައިގަތުމަށް ފަހު، ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ސްޓެޓިސްޓިކަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު މަސައްކަތަކީ 1985 ވަނަ އަހަރުގެ ބޯހިމެނުމެވެ. ރާއްޖެއަށް ފުރަތަމަ ކޮމްޕިއުޓަރެއް ވެސް ގެނައީ އެ މަސައްކަތަށެވެ.
ނޭޝަނަލް ޕްލޭނިން އޭޖެންސީ 1982 ވަނަ އަހަރު އުވާލައި ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް މިނިސްޓްރީ އުފެއްދުމުން އެ މިނިސްޓްރީގެ ވަކީލުކަމުގެ މަގާމު ވެސް ސޯބިރު އަދާކުރެއްވި އެވެ. އަދި އޭގެ ފަހުން އެ މިނިސްޓްރީގެ ވަރަށް ގިނަ އިސް މަގާމުތައް ފުރުއްވި އެވެ. އަދި މައުމޫންގެ ވެރިކަމުގައި 1993 ވަނަ އަހަރު ފިޝަރީޒް މިނިސްޓަރުކަމާއި 1998 ވަނަ އަހަރާއި 2003 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.




