ޕާލިމަންޓް ސްޕީކަރުންގެ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަރލޭންޑަށް މިއަދު ފުރާވަޑައިގެންފިއެވެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބުނީ 6 ވަނަ މަޖިލިސް ސްޕީކަރުން ނުވަތަ މަޖިލިސްތަކުގެ ރައީސުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސްވިޒަރލޭންޑްގެ ޖެނީވާއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި ކޮންފަރެންސް އޮންނާނީ މި މަހުގެ މާދަމާއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހާއި ހަމައަށެވެ.
ވޯލްޑް ކޮންފަރެންސް ފޯރ ސްޕީކަރޒް އޮފް ޕަރލިމެންޓަކީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަން، އައިޕީޔޫއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ބައިނަލްއަޤްވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކޮށް، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކޮށްދިނުމެވެ.
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ މި ކޮންފަރެންސަކީ ދުނިޔޭގެ ވެރިކަމުގެ ބަރުލަމާނީ ޑިމޭންޝަންސްތައް ބައްޓަންކޮށް ހަރުދަނާ ކުރުމަށް ކެޓަލައިޒާތަކެއްގެ ގޮތުގައި ޚިދުމަތްކޮށް، ބައިނަލްއަޤްވާމީ ކަންކަމުގައި ޑިމޮކްރަސީގެ ފަރަގު ކުޑަކުރުމަށް އެހީތެރިވެދޭނެ ކޮންފަރެންސެކެވެ.



