ލ. މާވަށުގައި މިއަދު ހެނދުނު ޒުވާނަކު މަރާލަން ބޭނުންކުރި ވަޅި ފުލުހުން ހޯދައިފި އެވެ.
ފުލުހުން މިއަދު ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އެ ރަށު ނަލަހިޔާ / މޫސާ އިބްރާހިމް (29އ.) އެވެ.
އަދި އޭނާއަށް ހަމަލާދީ މަރާލިކަމުގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުހައްމަދު އިބްރާހީމް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މިރޭ ބުނީ މޫދަށް ފީނައިގެން މޫސާ އިބްރާހިމް އަށް ހަމަލާ ދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުން ހޯދައިފައިވާ ކަމަށެވެ.




