ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މިއަދު ސޮއިކުރެވުނު ދެ އެއްބަސްވުމާއެކު ރާއްޖެއާ ސްރީލަންކާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން މިހާރު އުޅުއްވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިން، ރައީސް އޮފީހުގައި މިއަދު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.
އެގޮތުން މިކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިއަދު ކުރިއަށްދިޔަ ރަސްމީ މަޝްވަރާތަކުގައި ދެ ގައުމުގެ ރައްޔިތުންނާ ގުޅޭގޮތުން ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާނެ ކަމަށެވެ.
އޭގެ ތެރޭގައި ރައީސް ފާހަގަކުރެއްވީ ވިޔަފާރިއާއި ތައުލީމާއި، ދިފާއީ ދާއިރާއާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާ ގުޅުން ހުރި ކަންކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު މިއަދު ވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދޭން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.




