އެޗްޑީސީއާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ދިރިއުޅޭ ފަރާތްތައް މުޖްތަމައުއަށް އަހުލުވެރިކޮށް، ރީއިންޓަރގްރޭޓް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
އެޗްޑީސީން ބުނީ މިއީ، އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެމީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
”ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް، އެމީހުންނަށް ހުޅުމާލެ ދައްކާލައި، ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން މިއަދު ވަނީ ފަހިކޮށްދީފައި“ އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން މިއަދު ބުނީ ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތައް މިއަދު ހުޅުމާލެ ގެނެސް، މުޅި ހުޅުމާލެ ދައްކާލުމަށް ޓުއާއެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
އަދި އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިޔުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާއެކު ދުވަހުގެ މެންދުރު ކެއުން ކުރިއަށްގެންގޮސްފައިވާ ކަމަށާއި އާންމުންނާ އެކުގައި، ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތުވެސް އެމީހުންނަށް މި ދަތުރުގެ ތެރެއިން ފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
”މުޅި ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާއެކު، ސެންޓްރަލް ޕާކުގައި އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ހަރަކާތްތަކާއެކު، މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލާލުންވެސް ވަނީ ކުރިއަށްގެންގޮސްފައި“ އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ މި ދަތުރު ނިންމާލާފައި ވަނީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މި ވަގުތު މަރުކަޒުގައި ތިއްބެވި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު ހަދިޔާކުރުމާ އެކުގައި ކަމަށެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ ފަރާތްތައް މިއަދު ހުޅުމާލެއަށް ކުރި ޒިޔާރާތުގެ ކުރިން، ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތް ޑިޕާރޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ ސްޓާފުން އަދި މެނޭޖްމަންޓުން ވަނީ މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބަލާފައި ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.


