ސްރީލަންކާ އަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދައުވަތު ދެއްވައިފިއެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔެކެގެ ދަތުރުފުޅުގެ ތެރެއިން، މިއަދު ބޭއްވި ދެ ގައުމުގެ ރަސްމީ ބައްދަލުވުންތަކަށްފަހު ބޭއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައެވެ.
އެ ޖޮއިންޓް ޕްރެސްގައި ވަނީ ރާއްޖެއިން ސްރީލަންކާއަށް ބޭހަށް ދާ ދިވެހީންނަށާއ ިލަންކާގައި ވަޒީފާ އަދާކުރުމަށް ނުވަތަ ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރުގެ ވިސާ ދޭން ނިންމާފައިވާކަންވެސް ހާމަކޮށްފައެވެ.
އެ މަޝްވަރާތަކަށްފަހު ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އެއްބަސްވުންތަކާއި މަޝްވަރާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ފާހަގަކުރައްވާފައެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު މިއަދު ވަނީ ޖިނާއީ ކުށްތައް ހުއްޓުވުމަށާއި ފޮރިން ސާވިސްގައި ހަރަކާތްތެރިވާ ޒުވާނުންނަށް ބޭނުންވާ ތަމްރީނު ދޭންވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައި ވަނީ 26 ޖުލައި 1965 ގައެވެ. އެގޮތުން މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުނު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.



