އިންޑިއާގެ ނިކޯބާ އައިލެންޑްސްއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި ރޭގައި އެރި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމެއްގެ އަސަރު ރެކޯޑްކުރެވިފައިވާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ރޭ 11:41 ގައި އިންޑިއާގެ ނިކޯބާ އައިލެންޑްސްއަށް ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ.
މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.
ނަމަވެސް ބިންހެލުމާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން ގދ. ކާޑެއްދޫގައި ގާއިމްކޮށްފައި ހުންނަ ބިންހެލުން ރިކޯޑުކުރާ މީޓަރަށް، ރާއްޖޭ ގަޑިން 11:48 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.



