އަވަށްޓެރި ޝްރީލަންކާގައި އިންވެސްޓް ކުރުމުގެ ފަހި ފުރުސަތުތަކެއް ރާއްޖޭގެ ވިޔަވާރިތަކަށް އެބައޮތްކަަމަށް އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔާކަ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އިއްޔެ ރާއްޖެ ވަޑައިގެންނެވި ޝްރީ ލަންކާގެ ރައީސް ޑިސަނަޔާކަ މިހެން ވިދާޅުވީ، ދެ ޤައުމު ދެމެދު އިއްޔެ ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު އޮތް ޖޮއިންޓް ޕްރެސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ސިންހަޅަ ބަހުން ދެއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ވަނީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ކިޔުއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އިޝާރަތްކުރައްވާ ލަންކާގެ ރައީސް ވަނީ ރާއްޖެއާއި ލަންކާއަކީ އަވަށްޓެރި ދެ ޤައުމަށްވާއިރު ސަޤާފީ ގޮތުން އެއްގޮތް ގިނަ ކަންކަން ހުރިކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިންހަލަ ބަހާއި ދިވެހި ބަހުގެ އަސްލު ގުޅިފައިވާކަމަށް ލަންކާގެ ރައީސް ފާހަގަކުރެއްވިއެވެ.
ލަންކާގެ ރައީސްގެ ވާހަކަފުޅުގައި އެޤައުމުގައި ވިޔަފާރިއާ އިންވެސްޓްމަންޓަށް ފަހި މާހައުލެއް އޮތްކަން ފާހަގަކޮށް އިންވެސްޓަރުންނަށް އެޤައުމުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ދެ ޤައުމުގެ ދެމެދު ގިނަ ދައިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެ ޤައުމުގައި މަސްވެރިކަމާއި، ޢުމްރާނީ ތަރައްޤީއާއި އައިސީޓީގެ ދައިރާ ފަދަ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް ދިވެހި ވިޔަފާރިވެރިންނަށް އެދާއިރާތަކުން އިންވެސްޓް ކުރުމަށް ދައުވަތު އަރުވާފައިވެއެވެ.



