ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރާނެ ކަމަށާއި ހާއްސަކޮށް ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި އާންމު ވައިވެސް ގަދަވާނޭކަމަށެވެ.
އެގޮތުން، ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނީ ބުދަ އަދި ބުރާސްފަތި ދުވަހު ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި، މޫސުން އަލިވާނެކަމަށް ލަފާކުރެވެނީ އަންނަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.
މީގެ އިތުރުން، ޢާންމުގޮތެއްގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 4 ފޫޓާ 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ވުމާއެކު، ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.



