މިއަހަރުގެ މިހާތަނަށް ސްކޮލަރޝިޕް ސްކީމްތަކަށް 95.3 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 344 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ވަނީ ޚަރަދުކޮށްފައެވެ.
އެގޮތުން މިއަހަރު އެކަނިވެސް 95.3 މިލިއަން ރުފިޔާ ސްކޮލަރޝިޕްއަށް ޚަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ޖުމްލަ 45 ދަރިވަރުންނަށް އެހީތެރިވެދީފައިވާ އަދަދެކެވެ. އޭގެތެރޭގައި ހިމެނެނީ 34 އަންހެން ކުދިންނާއި، 11 ފިރިހެން ކުދިންނެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މީގެތެރެއިން މިއަހަރުގެ މިހާތަނަށް 48 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވެއެވެ. އެއީ 30 އަންހެން ކުދިންނާއި 18 ފިރިހެން ކުދިންނެވެ.
މީގެއިތުރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން 357 ދަރިވަރުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެއީ 220 އަންހެން ކުދިންނާއި، 137 ފިރިހެން ކުދިންނެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ ހިމެނޭހެން 20 ޤައުމެއްގައި 607 ދަރިވަރަކުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.




