ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކުރާ މައުލޫމާތު އާންމުންނަށް އޮޅުން އަރާ ގޮތަށް ބޭނުން ނުކުރުމަށް އެ އިދާރާއިން އެދިއްޖެ އެވެ.
މަޖިލީހުގެ އިދާރާއިން މިހެން ބުނީ ރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި އެހެން ބުނެފައި ވަނީ ބައެއް މެންބަރުން މަޖިލީހުގައި މަސައްކަތް ނުކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައުލޫމާތުތަކަކާއި ގުޅިގެންނެވެ.
އެ ބަޔާނުގައި ބުނީ މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހެޅި ބިލްތަކާއި ގަރާރުތަކުގެ އިތުރުން މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި ޝާމިލުވާ ކޮމިޓީގެ މައުލޫމާތާއި ތަފާސްހިސާބު މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.
އެގޮތުން އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަަމައެކަނި މަސައްކަތް ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމިޓީތަކުގައިވެސް ކުރިއަށްގެންދާ ކަމަށް ބުނެފައި ވެއެވެ.
”ރައްޔިތުންގެ މަޖިލީހުގެ ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމެޓީތަކުގައި ކުރިއަށް ގެންދެ އެވެ. އަދި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ކުރައްވާ މަސައްކަތްތައް ނިމިގެންދާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކުގަ އެވެ.“ އެ ބަޔާނުގައި ބުނެފައިވެއެވެ.
ހަމައެހެންމެ މެންބަރުން މަޖިލީހުގައިކުރާ މަސައްކަތް ދައްކުވައި ދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސާކުރާ ބިލްގެ އަދަދުން ނޫން ކަމަށާއި އެކި މަރުހަލާތަކުގައި މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މަޖިލީހުގެ މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކީ ތެދު މައުލޫމާތެއްތޯ ކަށަވަރު ކުރުމަށް މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނުގައި ވަނީ އެދިފައެވެ.


