ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ދެ ގައުމުގެ ދިފާއީ އެއްބާރުލުން އިތުރުކުރުމާއި މި ސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ސަރަަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކަނޑުގެ ސަރަޙައްދުގައި ހިންގޭ އެކިއެކި ޤާނޫނާ ޚިލާފު ޙަރަކާތްތައް ހުއްޓުވުމާއި، ކަނޑުގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ދެ ފަރާތުންވެސް ވަނީ ދިފާޢީ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދިފާޢީ ބާރުތަކުގެ މެދުގައި ތަޖުރިބާ ޙިއްޞާކޮށް އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައެވެ.




