އއ. ފެރިދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ މި މަޝްރޫޢުގެ ދަށުން، ފެރިދޫގެ ޑިސްޓްރިބިއުޝަން ވިއުގައިގެ 90 އިންސައްތަ އެއްކޮށް ބަދަލުކުރެވި، ފެރިދޫ އިންޖީނުގޭގައި 2000 އެމްޕަޔަރގެ ޒަމާނީ ކޮންޓްރޯލް ޕެނަލެއް ބަހައްޓާ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އަދި މި އަޕްގްރޭޑްގެ ސަބަބުން، ކުރިން ދިމާވަމުން އައި ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ މުޅިން ހައްލުވެ، މުސްތަޤުބަލުގައި ރަށުގެ ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާ ދިއުމަށް ކޭޓާރ ކުުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފައި ވެއެވެ.
”ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ދެނެގަނެ، ހައްލުކުރުމުގެ ޤާބިލުކަން މި އައު ނިޒާމުގެ ސަބަބުން ވަނީ އިތުރުވެފައި“ ސްޓެލްކޯ އިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ބުނީ މި ބަދަލުތަކާއެކު، ފެރިދޫގެ ރައްޔިތުންނަށް ލިބޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުބާރު ބޮޑު ޚިދުމަތަކަށް ވެގެންދާނެ ކަމަށެވެ.



