ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތް ކުރައްވާފައި ވަނީ ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި، ސްރީލަންކާގެ ރައީސް ރާއްޖެއަށް މި ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް އެ މަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް ފޮރިން މިނިސްޓަރު ޚަލީލް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި ސްރީލަންކާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ރަޚްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ސްރީލަންކާ އާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ސްރީލަންކާ އިން ރާއްޖެއާއެކު ތަފާތު އެކިއެކި ދާއިރާއިން ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތައް އެ މަނިކުފާނުގެ ސަރުކާރުން ވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑިސަނަޔަކާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ޑރ. ޚަލީލް ގެ އަރިހުގައި ދިވހިރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މައްސޫދު ޢިމާދު އާއި ސެކްރެޓަރީ ފާޠިމަތު ޢިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު ޢަބްދުالله ދީދީ އަދި ޑިރެކްޓަރ ޖެނެރަލް އައިޝަތު ފަރީނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.




