ރަޝިޔާ ކައިރިއަށް 8.7 މެގްނިޓިއުޑްގެ އެރި ބާރުގަދަ ބިންހެލުމަށްފަހު، ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރަން ފަށައިފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ކަމްޗަޓްކާ ޕެނިންސިއުލާގައި އޮންނަ ޕެޓްރޯޕަވްލޮވްސްކްގެ އިރުން ގާތްގަނޑަކަށް 85 މޭލު (136 ކިލޯމީޓަރު) ދުރުން 12 މޭލު (19 ކިލޯމީޓަރު) އަޑިއަށް އައި ބިންހެލުމަށް ފަހު ޖަޕާނަށް އައި ސުނާމީގެ ފުރަތަމަ ރާޅުތަކުގެ އުސްމިނުގައި 30 ސެންޓިމީޓަރު ހުރި ކަމަށެވެ.
މި ރާޅުތައް ޖަޕާނަށް އަރާފައިވަނީ އުތުރުގެ މައިރަށެއް ކަމަށްވާ ހޮކައިޑޯއަށެވެ. ނަމަވެސް އެންއެޗްކޭއިން ބުނީ ރާޅުތައް އަދި ވަރަށް ބޮޑަށް އުސްވެ ނުރައްކާވެދާނެ ކަމަށް އެ ޤައުމުގެ އެންޗްކޭ އިން ބުންޏެވެ.
މީގެއިތުރުން ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެ ޤައުމުގެ އުތުރާއި އިރުމަތީގެ މުޅި އައްސޭރިފަށަށް ތިން މީޓަރު އުސްމިނުގައި ރާޅު އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދެކުނުން އޮސާކާ ކައިރީގައި ވާކަޔާމާއާ ހަމައަށް ރާޅު އަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ރަޝިޔާގެ އިމަޖެންސީ މިނިސްޓްރީން ބުނީ ރޭގައި އެރި ބިންހެލުމުގެ ސަބަބުން އެ ޤައުމުގެ އިރުމަތީ އައްސޭރިފަށަށް ވެސް ސުނާމީ އަރައި، ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ ބަނދަރުމަތީ ސަރަހައްދެއް މިހާރު އޮތީ ފެނު އަޑީގައި ކަމަށެވެ.
އެގޮތުން ބަނދަރުމަތީ އަވަށެއް ކަމަށްވާ ސެވެރޯ-ކުރިލްސްކްގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، މިހާރު އެތަނުން މީހުން ހުސްކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.


