ރަޝިޔާ ކައިރިއަށް މިއަދު އައި ބިންހެލުމާ ގުޅިގެން ބައެއް ޤައުމުތަކަށް ސުނާމީ އެރި ކަމުގައިވިޔަސް، އެފަދަ ބިރުވެރިކަމެއް ރާއްޖެއަށް ނެތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
ރަޝިއާއަށް މިއަދު ބިން ހެލުން އައީ އެ ގައުމުގެ އިރުމަތީގައި އޮންނަ ކަމްޗަޓްކާ ޕެނިންސިއުލާއަށެވެ. ރަޝިއާގެ ބަނދަރުމަތީ ސަރަހައްދެއް ކަމަށްވާ ޕެޓްރޯޕަވްލަސްކް-ކަމްޗަޓްސްކީގެ އިރުމަތިން، 136 ކިލޯމީޓަރު ދުރުން އައި އެ ބިންހެލުން 8.7 މެގްނެޓިއުޑަށް އަރައެވެ. އަދި އެ ބިންހެލުމުގެ ސަބަބުން ރަޝިޔާއަށާއި ޖަޕާނަށް ވަނީ ސުނާމީ އަރާފައެވެ.
އެކަމުގެ ސަބަބުން ބައެއް ޤައުމުތަކުގައި މިހާރުވަނީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.
މެޓް އޮފީހުން މިއަދު ބުނެފައިވަނީ، ރަޝިޔާއަަށް އައި ބިންހެލުމުގެ އަސަރު އިންޑިއާ ކަނޑަށް ނުކުރާ ކަމަށާއި އެހެންކަމުން ރާއްޖެއަށް ސުނާމީ އެރުމުގެ އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ.
ސުނާމީގެ އިންޒާރު ދީފައި އޮތީ ޕެސިފިކް ކަނޑުގައި ހިމެނޭ ރަޝިޔާ، އޮސްޓްރޭލިއާ، ޖަޕާން އަދި އެމެރިކާގެ ހަވާއީއަށް ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި އިންޑިއާ ކަނޑަށް އޭގެ އަސަރު ނުކުރާ ކަމަށާއި ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.




