މާލޭގެ މަގުތަކުގައި ކުރިން ފެންބޮޑުވާހެން، މިހާރު ފެންބޮޑެއް ނުވާނެ ކަމަށް މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކުން ބާއްވަން، ގާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ބޭއްވި މި އަހަރުގެ ދެ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީގެ މަސައްކަތާ ހަވާލުވިއިރު، ރައްޓެހިންނާއި ދަންނަ މީހުންނާ، އަދި ނުދަންނަ މީހުންގެ ފަރާތުން ވެސް، އޮހެމުން ދިޔައީ މުޅިންހެން ޝަކުވާ ކަމަށާއި ބަލަމުން އައީ ޝައުގުވެރިކަމެއް ނެތި، ވައްކަޅިން ކަމަށެވެ. އަދި މަސައްކަތްތަކާއި ހިދުމަތްތަކާ މެދު، ކުރަމުންދިޔައީ ނާ އުންމީދީ ތަސައްވުރެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ، ކައުންސިލުގެ މި ދައުރުގެ އެންމެ ފަހު އަހަރުގެ، ފުރަތަމަ ހަމަސް ނިމިގެންދާއިރު، ރައްޔިތުންނާ ގާތުން ހިދުމަތްތަކެއް ފޯރުކޮށްދެވިފައިވާ ކަމުގެ، ހިތްހަމަޖެހުމާއި އެފަދަ އުފާވެރި ޝުއޫރުތައް، މިއަދު އާންމުންގެ ފަރާތުން ލިބެމުންދިއުމަކީ ނުހަނު އުފާކުރާކަމެއް ކަމަށެވެ.
މަގުތަކުގެ ކާނުތައް ސާފު ނުކޮށްހުރުމުން، މާލޭގެ މަގުތަކުގައި ފެންބޮޑުވުން އެއީ، ކުރިމަތިވި ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ނަމަވެސް، ކާނުތައް ސާފުކުރުމަށް ފެށި ހާއްސަ މަސައްކަތް ކާމިޔާބު ކަމާއެކު ކުރިޔަށް ގޮސް، މިހާރު ނިމުމަކާ ކައިރިވެފައިވުމުން، ވާރޭވެހޭ ކޮންމެ ފަހަކު، ކުރިން މާލޭގެ މަގުތަކުގައި ފެން ބޮޑުވާގޮތަށް މިހާރު ފެން ބޮޑު ނުވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.




