ހޯމްލޭންޑް ސެކިއުރިޓީ އަދި ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙުސާން، ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނާޔަކެއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތާއި ސްރީލަންކާ ޕޮލިސްއާ ދެމެދު އެއްބާރުލުން އިތުރުކޮށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
”މި މަޝްވަރާތަކުގައި އޮޕަރޭޝަނަލް ޕޮލިސިންގ އަދި ތަހުގީގުގެ ދާއިރާގައި ގާބިލުކަން އިތުރުކުރުމާއި، ސްރީލަންކާ ޕޮލިހުން ހިންގާ ސްޕެޝަލް ޓާސްކް ފޯސް ތަމްރީނުތަކުގައި ދިވެހި އޮފިސަރުން ބައިވެރިކުރުން ފަދަ މުހިންމު ދާއިރާތަކަށް އަލިއަޅުވާލާފައިވެއެވ.ެ“ ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައި ވެއެވެ .
އެގޮތުން މި މަޝްވަރާތަކުގެ ތެރެއިން، ކަނޑުއަޑީގެ ފޮރެންސިކް ތަހުގީގުތަކުގެ ދާއިރާގައި ސަރަހައްދީ ފެންވަރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޮރެންސިކް ޑައިވިންގ ކޯހުގައި ބައިވެރިވުމަށް ދެ ފުލުހުން ނޮމިނޭޓްކުރުމަށް ސްރީލަންކާއަށް ދައުވަތު ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެެއެވެ.
ހަމައެހެންމެ މި ބައްދަލުވުމުގައި ޓްރާންސްނެޝަނަލް ކުށްތަކާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާމެދު މަޝްވަރާކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެެއެވެ.
މީގެ އިތުރުން، ގާބިލުކަން އިތުރުކުރުމާއި ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުން، ހާއްސަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވިންގުން ކުޑަކުދިންނާއި އާއިލާތަކާ ގުޅުންހުރި މައްސަލަތައް ބެލުމުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް ހިޔާލު ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ދެ ޤައުމުގެ ފުލުހުންގެ މުއައްސަސާގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުމަށް އަލިއަޅުވައި ލައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ގުޅިގެން މަސައްކަތްކުރުމާއެކު ތަމްރީނުތައް މެދުވެރިކޮށް ސަރަހައްދުގެ ރައްކާތެރިކަމަށް ދެ ގައުމުން ކުރެވޭ މަސައްކަތް ހަރުދަނާކުރުމަށް އަޒުމް އާކުރެއްވިއެވެ.



