ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތަށް ފެންސު ޖެހުމުގެ ހުއްދައަށް އެދި ހުށަހަޅާ އެޕްލިކޭޝަނުން ފީ ނަގަން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތަށް ގޯތި ވަށައިގެން ފެންސް ޖެހުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅާ އެޕްލިކޭޝަންތަކުން އިދާރީ ފީއެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.
އެ ފީ ނަގަން ނިންމާފައިވަނީ މި ފެށޭ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެގޮތުން އެ ތާރީޚުން ފެށިގެން އިމާރާތްކުރުމުގެ މަސައްކަތަށް ފެންސު ޖެހުމަށް ހުށަހަޅާ އެޕްލިކޭޝަންތަކުން އިދާރީ ފީއެއްގެ ގޮތުގައި ޖީއެސްޓީ ހިމެނޭހެން 108 ރުފިޔާ ނަގަން ނިންމާފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.




