ފާއިތުވި 6 މަސް ތެރޭގައި އުނގޫފާރުން 346 ޕާސްޕޯޓު ވަނީ ހައްދާފައި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މި އަހަރުގެ ޖެނުއަރީ މަހު ރ.އުނގޫފާރުން ޕާސްޕޯޓު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް އެ ރަށުން 346 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށެވެ.
”މި ޚިދުމަތް ކޮންމެ ހަފްތާއެއްގައި ވެސް ދަނީ ފޯރުކޮށްދެމުން. ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް، ރ. އަތޮޅުން ނަގަން ބޭނުންވާ ފަރާތްތަކުން ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ރ. އުނގޫފާރު ޚިޔާރުކުރެއްވޭނެ“ އިމިގްރޭޝަނުން މިއަދު ބުނެފައި ވެއެވެ.
ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާއި ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް ރާއްޖެއަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ.
އެހެންކަމުން ސަރުކާރުން ވަނީ މި އަހަރު ނިމޭއިރު ކޮންމެ ސިޓީއަކާއި އަތޮޅެއްގެވެސް ކަނޑައެޅޭ ވަކި ސަރަޙައްދުތަކަކުން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައެވެ.



