ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު އެ މަޤާމުން ވަކިކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަނުކޮށްް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނަޒީމް އައްޔަންކޮށްފިއެވެ.
އާރުޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރުމާއި ހަމައަށް ނަޒީމް ހުންނެވީ މި ސަރުކާރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޒުހައިރު އައްޔަންކޮށްފައިވާ ކަމަށެވެ.
އަދި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މއ. އެލީޒިއަމް، އިބްރާހިމް ނަޒީމް އައްޔަންކޮށްފައިވާ ކަމަށް ޕީސީބީން ބުނެފައި ވެއެވެ.
އެޗްޑީސީގެ އެމްޑީ ކަމުގެ މަޤާމު ހުސްވެފައި ވަނީ އެ މަޤާމުގައި ހުންނެވި މުހައްމަދު މައުރޫފް ޖަމީލު މިއަދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން އެޗްޑީސީގެ އެމްޑީ ކަމުގެ މަޤާމަށް ޒުހައިރު އައްޔަނުކޮށްފައި ވަނީ އާރުޑީސީގެ އެމްޑީގެ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.



