ބޮލީވުޑްގެ އެކްޓްރެސް ކަރިސްމާ ކަޕޫރްގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރްގެ މަރަށްފަހު، އޭނާގެ މަރާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކަކާއި މުދާ ބަހާނެ ގޮތަކާމެދު ސުވާލުތަކެއް ފެތުރެން ފަށައިފިއެވެ.
ސަންޖޭ މަރުވީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު، ލަންޑަންގައި ޕޯލޯ މެޗެއްގައި ހުއްޓައެވެ.
މައްސަލަތައް ފެށިފައިވަނީ ސަންޖޭގެ މަރަށްފަހު އޭނާގެ މިހާރުގެ އަންހެނުން ޕްރިޔާ ސަޗްދޭވް، ސަންޖޭގެ ކުންފުނި ސޯނާ ކޮމްސްޓާގެ ބޯޑް މެންބަރަކަށް ހޮވުމަށްފަހު، ސަންޖޭގެ މަންމަ ރާނީ ކަޕޫރްއަށް ލިބެމުންދިޔަ އެހީތައް ހުއްޓުނު ހިސާބުންނެވެ.
ރާނީ ބުނެފައިވަނީ އޭނާގެ ދަރިފުޅުގެ މަރަށްފަހު، ހުރިހާ އެކަންޓެއް ފްރީޒްކޮށް އޭނާއަށް ސަންޖޭގެ ފަރާތުން ލިބެމުންދިޔަ ފައިސާގެ އެހީތައް ލިބުން ހުއްޓިފައިވާ ކަމަށެވެ. އެހެންކަމުން ސަންޖޭގެ މަރާމެދު ސުވާލު އުފެދޭ ކަމަށާއި މި ދެ މައްސަލަވެސް އިދާރާތަކަށް ހުށަހަޅާނެ ކަމަށް ރާނީ ބުނެފައިވެއެވެ.
ވިޔަފާރިވެރިޔާ ސަންޖޭގެ ނަމުގައި 30،000 ކްރޯޑް ފައިސާ ހިމެނެއެވެ. އެ ފައިސާ ބަހާނެ މީހުންގެ ލިސްޓުގައި ރާނީގެ ނަން ނުހިމެނޭކަން ވެސް އޭނާ ވަނީ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެއީ ޕްރިޔާ ކުރިކަމެއް ކަމުގައިވެސް ތުހުމަތު ކޮށްފައިވެއެވެ.
އެއާއެކު، މުދާ ބެހުމުގެ ލިސްޓުގައި ކަރިސްމާ ވަނީ އޭނާގެ ނަންވެސް ހިމެނެންވާނެ ކަމަށް ބުނެފައެވެ. ކަރިސްމާ ބުނި ގޮތުގައި އެމީހުންގެ ދެ ދަރިން ތިބުމުންނާއި ސަންޖޭ އޭނާއާ ކައިވެނި ކުރިއިރު ކަންތައް ކުރިގޮތުގެ ބަދަލުގައިވެސް އޭނާގެ މުދަލުން ބައެއް ލިބުމުގެ ހައްގު ކަރިސްމާއަށް ލިބިގެންވެއެވެ.
ކަރިސްމާއާއި ސަންޖޭ ކައިވެނިކުރީ 2006 ވަނަ އަހަރުގައެވެ. އެދެމީހުންގެ ކައިވެނި ރޫޅިފައިވަނީ 2016 ވަނަ އަހަރުގައެވެ. އެއިރު ސަންޖޭ ޕްރިޔާއާ ކައިވެނިން ބޭރުން ގުޅިގެން އުޅުންކަން ކަރިސްމާއަށް ފަޅާއެރި ކަމަށާއި ކަރިސްމާއަށް ވަރަށް އަނިޔާކުރިކަމަށް ބުނި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ސަންޖޭގެ މަރަށްފަހު އޭނާގެ އަންހެނުންގެ ނަން މިހާރު ވަނީ ޕްރިޔާ ސަޗްދޭވް އިން ”ޕްރިޔާ ސަންޖޭ ކަޕޫރް“ އަށް ބަދަލު ކޮށްފައެވެ. އަދި ޕްރިޔާގެ ދޮށީ ދަރިފުޅު (ސަންޖޭގެ ދޮންދަރިފުޅު) ސާފިރާ ވެސް އޭނާގެ ނަމުގެ ފަހަތަށް މިހާރު ”ކަޕޫރް“ ލާފައި އިންނަކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.




