ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމު ހުސްވެފައި މިވަނީ، އެ ކޯޓުގެ ދެ ފަނޑިޔާރަކު ސުޕްރީމް ކޯޓަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.
އެގޮތުން ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން 17 ބޭފުޅަކު އެ މަގާމަށް ކުރިމަތިލެއްވިއެވެ. އޭގެތެރޭގައި ތެރޭގައި ޖޭއެސްސީގެ މެމްބަރު އަލީ އަބްދުއްލަތީފް ވެސް ހިމެނިވަޑައިގަތެވެ. ނަމަވެސް އޭނާ ވަނީ ފަހުން ނަން އަނބުރާ ނަންގަވައިފައެވެ.
ޖޭއެސްސީން ބުނީ ކުރީގެ ގާޒީ ޖަމީލްގެ އިތުރުން މި ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
ކުރީގެ ގާޒީ ޖަމީލަކީ 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އަދި ޝަހީދަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާތާ ހައެއްކަ އަހަރު ވެފައިވާ ބޭފުޅެކެވެ.



