ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް (ޓާމިނަލް 1) އިން މިހާތަނަށް 2،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި މަހުގެ 26ވަނަ ދުވަހު (ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހު) ރަސްމީކޮށް ހުޅުވި ޓާމިނަލް 1ގެ އޮޕަރޭޝަންތައް ފަށާފައިވަނީ 27 ޖުލައި 2025 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކުއެވެ.
އެމްއޭސީއެލް އިން ބުނީ، އެ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ޓާމިނަލް 1 އިން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ. އަދި ޖުމްލަ 2،410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1،454 ފަސިންޖަރުން ކަމަށް ވެސް ބުންޏެވެ.
ވީއައިއޭގެ ޓާމިނަލް 1 އަށް ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ.
އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް، މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެއެވެ.



