ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ރައީސް މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ 25އ އެވެ.
ރައީސް އަށް މީހަކު މަރުގެ އިންޒާރު ދީފައިވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.
ރައީސް މުޢިއްޒު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާތީ ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެ ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް ދަންނަވާފައިވާނެ ކަމަށެވެ.
ރައީސްގެ ޕޯސްޓާއި ގުޅިގެން އެ މަނިކުފާނަށް މަރުގެ އިންޒާރު ދީފައިވާތީ ފުލުހުން މަސީހު މޫސާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ.
އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.




