ރާއްޖެއާއި އެމެރިކާއާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހަރ ޖަލާލަތު މިސްޓަރ ހޫގޯ ޔޯން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމްއާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ތިމާވެށީގެ ދާއިރާއިންނާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ވަނީ ހާއްސަ އިސްކަމެއް ދެއްވާފައެވެ.
އެގޮތުން މަޝްވަރާ ކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ތިމާވެށީގެ އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަރުގަދަކުރުން ހިމެނެއެވެ.
މީގެ އިތުރުން ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޚާއްސަކޮށް ސޯލާ ހަކަތަ ފަދަ ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލު ކުރެއްވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.




