މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ އިއްޔެ ލޯކަލް ގަވަރމަންޓް މިނިސްޓްރީގައެވެ.
ލޯކަލް ގަވަރމަންޓް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކާއި، ޕާކުތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
”މީގެ އިތުރުން އަތޮޅުގެ ރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި އަދި އަތޮޅު ސްޓޭޓް ހައުސްގައި ހަދަމުންދާ ގެސްޓްހައުސްގެ ރަޖިސްޓްރީހެދުމާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރެވިފައި“ އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި އެލްޖީ ޑިޕާޓްމެންޓުގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ފ. އަތޮޅު ހިމެނޭ ކުލަސްޓަރ ވިލަރެސްކޮށް ބަލަހައްޓަވައި ޑެޕިޔުޓީ މިނިސްޓަރ އިނާޒު ޢަލީއާއި ފ. އަތޮޅު ކޯޑިނޭޓްކޮށް ބަލަހައްޓަވައި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ރާޝިދު މިނިސްޓަރގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.



