ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިއަދުވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ޖުލައި 26 އާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދު ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު އެ ހަރަކާތައް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި ޖުލައި 28 ވަނަ ދުވަހުގެ ރޭވެސް ފުޅަނދު ދައްކާލަން ނިންމި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތް ވަނީ ކެންސަލް ކޮށްފައެވެ.
އެހެންކަމުން އެ ހަރަކާތް އަލުން ތާވަލްކޮށް، މިއަދު ހަވީރު 4:30 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ފުޅަނދުތައް ދައްކާލުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.
ފުޅަނދުތައް ދައްކާލުމަށް ބަހައްޓާފައިވަނީ ހުޅުމާލޭގެ ސެންޓަރް ޕާކުގައެވެ.
އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ ”މައިންކްރާފްޓް“ ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ދެ ހަފްތާގެ ތެރޭގައިކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.
މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެއް އެގޮތުން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ކަމާއި ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައިކަން ވެސް ފާހަގަކުރިއެވެ.

އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް މިފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމުގައި އެ ކުންފުނިން ބުންޏެވެ.




