މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށާއި މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %9.5 އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހުގެ 30ގެ ނިޔަލަށް އެ މަސް ތެރޭގައި 180،438 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
އެއީ މިދިޔަ އަހަރުގެ ޖުލައި މަހު އައި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު %11.8 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައިވަނީ 180،438 ފަތުރުވެރިންނެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން މިއަހަރު %73 ޗުއްޓީ ހޭދަ ކުރަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަކުރަނީ %23 އެވެ.
މިދިޔަ ހަތް މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާ އިންނެވެ. އެ ޤައުމުން 188،317 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ މިދިޔަ އަހަރަށް ވުރެ %14.6 އިތުރު އަދަދެކެވެ.



