ހއ. މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުއްޓަށް ދަތުރު ކުރި ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ”ގުރުވަ 1“ ނަމަކަށް ކިޔާ ދޯންޏެއް ފަރަށް އެރި ކަމަށާއި އޭގައި ތިބި ފަޅުވެރިންނަށް ކޯސްޑުގާޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ފަރަށް އެރި ދޯނީގައި ތިބީ ތިން މީހުންނެވެ. އެއީ ދިވެއްސަކާއި ދެ ބިދޭސީންނެވެ. ދޯނި ފަރަށް އަރާފައިވަނީ ނ. ކުޑަރަށް ކައިރިންނެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ 11:24 ހާއިރު ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަކްރާފްޓް އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ގެ އެހީތެރިކަމާ އެކު އެ ތިން މީހުން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ވަނީ ގެންގޮސްފައެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.




