ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް މިހާތަނަށް 209 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާއްމު ޤަވާއިދުގެ ދަށުން ދޫކުރާ ލައިސަންސަށް އެދި 17 އެޕްރީލާ ހަމައަށް 767 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 652 އެޕްލިކޭޝަން ވަނީ ވެރިފައިކޮށް ނިމިފައެވެ.
އެޗްޕީއޭއިން ހާމަކުރިގޮތުގައި، ހުށަހެޅުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޓޮބޭކޯ ވެންޑަރ ލައިސަންސަށް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި، ޓޮބޭކޯ ނިއު ޕްރޮޑަކްޓް ރެޖިސްޓްރޭޝަނަށް ހުށަހެޅި 15 އެޕްލިކޭޝަން، އަދި ޓޮބޭކޯ އިމްޕޯޓް ލައިސަންސަށް އެދި ހުށަހެޅި 28 އެޕްލިކޭޝަން ހިމެނެއެވެ. މީގެ އިތުރުން ޓޮބޭކޯ ރީ-އެކްސްޕޯޓް ލައިސަންސަށް އެދި އެންމެ އެޕްލިކޭޝަނެއް ވަނީ ވެރިފައިކޮށްފައެވެ.
ނަމަވެސް، ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން 243 އެޕްލިކޭޝަން ވަނީ ކެންސަލްކޮށްފައެވެ. އަދި އިޞްލާޙުކުރަންޖެހޭ ބައެއް ކަންކަން ހުރުމުގެ ސަބަބުން 177 އެޕްލިކޭޝަން މިވަގުތު ވަނީ ހުއްދަ ނުދީ ހިފަހައްޓާފައެވެ.




