މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ރޯޑްމެޕް ނުވަތަ މަގުޗާޓެއް އެކުލަވާލައި، އޭގައިވާ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް އެ އިދާރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ އެ އިދާރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާކަމަށެވެ. އަދި ޓެކުހާ ގުޅޭ އިލްތިމާޒްތައް އިތުރަށް ފަސޭހަކޮށްދީ، ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެހެން ގައުމުތަކުގައިވެސް ބޭނުންކުރާފަދަ އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ރާއްޖެއަށްވެސް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ޓެކްސް ދައްކާ ފަރާތްތަކާ މީރާގެ ސިސްޓަމުތައް ގުޅުވާލާ، ޓެކުހާގުޅޭ އިލްތިމާޒްތައް އަދާކުރުން އިތުރަށް ފަސޭހަ ކޮށްދިނުމަކީ މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއްކަމަށް ވެސް ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވި ގޮތުގައި މީރާއަަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ މިހާރު ލިބެމުން ދަނީ އޮންލައިންކޮށްކަމަށެވެ.
މިދިޔަ އަހަރު މީރާއަށް ވަނީ 28.10 ބިލިއަން ރުފިޔާ ބަލައިގެންފައެވެ.



