މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސްފިހާރައެއް އަވަށްޓެރި ޝްރީ ލަންކާގައި ހުޅުވުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު މަސްޢޫދު އިމާދު ރޭ ވިދާޅުވެއްޖެއެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ މިދިޔަ ހަފްތާގައި ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެސް ވަނީ، ރާއްޖޭގެ ވިޔަފާރިތަކުން ލަންކާގައި އިންވެސްޓް ކުރުމަށް އެދިވަޑައިގެންފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ރޭގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ސަފީރު މަސްޢޫދު ވިދާޅުވީ، ލަންކާގައި ދިވެހި މަހަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށާއި އެ ގައުމުގައި ދިވެހީން އެ ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
އެގޮތުން ސަފީރު ވިދާޅުވީ ލަންކާގައި ދިވެހީން ފެކްޓްރީއެއް ހަދައިގެން ރާއްޖޭން ގެންދާ މަސް ޕްރޮސެސް ކުރުމުގެ ފުރުސަތު އެ ގައުމުން ދީފައިވާ ކަމަށެވެ. އަދި މިފްކޯއިން ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯ ރޫމެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
”އެބޭފުޅުން ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިގެން ވަޑައިގަންނަވާ ގޮތަކަށް އޮތީ. ސްރީލަންކާގެ މާކެޓް ވަރަށް ބޮޑުވާނެ ދިވެހި މަހަށް، މޯލްޑިވް ފިޝްއަކީ ވެސް ސްރީލަންކާ މީހުން ލޭބަލެއް. އެއީ އެ މީހުން ކީ އެއްޗެއް“ ސަފީރު މަސްޢޫދު ވިދާޅުވިއެވެ.



